ގެމަނަފުށި ވޮލީބޯލް ކުލަބާއި ގއ ނިލަންދޫ ބޮން ބޮން ސްޕޯޓްސް ކުލަބުގެ މެޗުން، ރާވެރިޔާ ވޮލީބޯޅަ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
2 ޑިވިޝަނަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަންގެ 8 ޓީމް އަދި އަންހެން ޑިވިޝަންގެ 7 ޓީމްވަނީ ބައިވެރިވެފައެވެ. ގެމަނަފުށީ ވޮލީބޯލް ކުލަބަކީ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ ފަހުގެ ރަނަރަޕް ޓީމެވެ.
މާދަމާ ހަވީރު 16:00 ގައި އަންހެން ޑިވިޝަންގެ މެޗުން މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފިރިހެން ޑިވިޝަންގެ މެޗެއް މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ވާދަކުރަނީ ކެޕިޓަލް ސިޓީ އަދި ވިލިނގިލީ ވޮލީބޯލް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ބައިވެރިވެފައިވާ ޓީމްތަކަކީ ބޮން ބޮން ސްޕޯޓްސް ކުލަބު، ދާންދޫ ސްޕޯޓްސް ކުލަބު، ގެމަނަފުށި ވޮލީބޯލް ކުލަބު، ކަނޑުހުޅުދޫ ފިރިހެން ވޮލީޓީމް، ކޮނޑޭ ވޮލީ ކުލަބު، ޓޮޕް ބްރަދާސް، ވިލިގިނލި ވޮލީބޯލް ކުލަބުގެ އިތުރުން ކެޕިޓަލް ސިޓީއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ވޮލީ ޓީމް އަދި ރަނަރަޕް ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮން ބޮން ސްޕޯޓްސް ކުލަބު، ޓޮޕް ބްރަދާސް، ވިލިގިނލި ވޮލީބޯލް ކުލަބު، ކޮނޑޭ ވޮލީ ކުލަބުގެ އިތުރުން މާމެންދޫ އަންހެން ވޮލީ ޓީމެވެ.
2022 އަހަރު މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މުބާރާތަަށް ހުރިހާ ޓީމްތަކުން ފޯރިއާއިއެކު ޕްރެކްޓިސް ކުރަމުންދާއިރު، މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

