ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިސްއެބިލިޓީ ޑިޕާޓްމަންޓުންވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިގޮތުން ކުދިން ސްކޫލަށް ވެއްދުމަށްޓަކައި ފުރިހަމަ ކުރެވިފައިވާ "ޗައިލްޑް ހެލްތް ރިކޯޑު" ގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް" ހުށަހެޅުން ލާޒިމްކުރުމުގެ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ ކެބިނެޓް ކަރުދާސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަތުމާއި ރައްކާތެރިވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދެއްވުމަށް "އާރލީ އައިޑެންޓިފިކޭޝަން" ކޮމިޓީ މިހާރު ވަނީ އެކުލަވާލެވިފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތްއާއި ގުޅިގެން، ނޭޝަނަލް ތެރަޕީ ޕްރޮޓޮކޯލްތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިގޮތުން، ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި އަމަލުކުރާނެ ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލުމުގެ ގޮތުން، ނޭޝަނަލް ތެރަޕީ ސްޓޭންޑަސް އެކުލަވާލުމަށް ބޭއްވުނު އިނީޝިއަލް ވޯކްޝޮޕް އިން އެކުލަވާލެވުނު 05 ގައިޑްލައިން މުރާޖާކުރުމަށް ޕިއަރ ރިވިއު ވޯކްޝޮޕް ވަނީ 01 އޯގަސްޓް 2024 ގައި ބޭއްވިފައެވެ.

