މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށެވެ.
ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން މިރޭ 20:00 އަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެން މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ވަނީ ގެއްލުންވެފައެވެ.
ވިއްސާރައިގައި ގެއްލުން ލިބިގެން މިހާތަނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވަނީ ސ.ފޭދޫ، ޅ.ކުރެންދޫ، ދ.ބަނޑިދޫ، ދ.ހުޅުދެލިންނެވެ. މި ރަށްތަކުގެ ތެރެއިން ކުރެންދޫގެ 104 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

