ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ބިރުދައްކައި ފައިސާ ހޯދަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކުރިއެވެ.
ހައްޔަރުކުރި މީހުން:
ޠަލާލް މުޙައްމަދު (37 އ)، މާލެ، ދަފްތަރު ނަންބަރު ރސ 9022
ހުޝާމް އިބްރާހިމް (34 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ.
ޙުސައިން ހައިކަލް ނިޔާޒް (23 އ)، ގ.ކަޅަގާރިމާގެ.
އާދަމް ޝަރީފް (36 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ.
އަޙްމަދު ރިފްޝާން (26 އ)، ހުޅުމާލެ ފްލެޓް ނަންބަރު. 04-1-71.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ އެ އެންމެން ހަތް ދުވަހަށް ބަންދުކުރުމަށެވެ.

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހެއް.
މި މުއްދަތު ހަމަވުމާއެކު މިއަދު އެ މީހުން ކޯޓަށް ހާޒިރުކުރުމުން ވަނީ އެ އެންމެން ވެސް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ދާދިފަހުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ވެސް ދިވެހި ފިރިހެނަކު ރަހީނުކޮށްފައެވެ. އެ މައްސަލާގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

