އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހެއްގެ މަރުގެ މައްސަލައިގައި ތުހުމަތަށް ބަންދު ކުރި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީގެ މައުލޫމާތުން ދައްކާގޮތުގައި، ލަމްހާގެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ލަމްހާ، ތިން މަހަށް ބަންދުން ދޫކޮށްލީ ހަ ޝަރުތަކާއެކުގައެވެ. އޭގެ ތެރޭގައި އިތުރު ކުށަކަށް އަރައި ނުގަތުމާއި، ކޯޓަށް ހާޒިރު ވުމަށް އަމުރު ލިބިއްޖެނަމަ ހާޒިރު ވުމާއި، މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުން ހިމެނެއެވެ. އަދި މައްސަލައިގެ ހެކިބަސް ދޭނެ ކަމަށް ގަބޫލު ކުރެވޭ މީހުންނާ މުއާމަލާތް ނުކުރުމާއި، ގެއިން ބޭރަށް ދާން ޖެހޭ ނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ރާއްޖެއިން ބޭރަށް ނުދިއުން ވެސް ހިމެނެއެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި މި މަރުގެ މައްސަލައަކީ އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސް ނަރުހެއް ކަމަށްވާ މާވިންއާއި ލަމްހާއާ ދެމެދު ހިނގި ލޯބީގެ ކަންތައްގަނޑެއްގެ ތެރެއިން ހިނގައިދިޔަ ކަމެކެވެ. މާވިންގެ އަނބިމީހާ މޭރީއަކީވެސް އައިޖީއެމްއެޗުގެ ނަރުހެކެވެ. މި މައްސަލައިގައި މަރުވި ފިލިޕީންސް ނަރުސް، މޭރީގެ ހަށިގަނޑު ދަންޖެހިގެން ހަބަރު ހުސްވި ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އެވެ. މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމާ ގުޅިގެން އެ މަހުގެ 27 ވަނަ ދުވަހު މާވިން ހައްޔަރު ކުރެވުނެވެ. އަދި ލަމްހާ ހައްޔަރު ކުރެވުނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

