މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އދ. އޮމަދޫގައި ފެން ބޮޑުވުމުން އެހީތެރިވުމަށް ސްޓެލްކޯގެ އޮމަދޫ ގޮފިން ދެއްކި ނަމޫނާއަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ތައުރީފު ކުރައްވައިފި އެވެ.
ފަހުމީ މިކަން ފާހަގަ ކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އދ. އޮމަދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއް ހިއްސާ ކުރައްވަމުންނެވެ. އޮމަދޫ ކައުންސިލުގެ ޕޯސްޓުގައި ބަޔާންކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން ނިކުމެ ރަށުގެ ފެންބޮޑުވާ މަގުތަކުގައި ފެންހިންދުމުގެ ގދުމުގެ ގޮތުން ޖަންކްޝަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ކަރަންޓު ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމައުއަށް އެހީތެރިވުމަކީ ސްޓެލްކޯގެ އަމާޒެއް ކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަކީ ގައުމު ދެކެ ލޯބިވާ ބައެއްކަން ފާހަގަކުރައްވަމުން، އޮމަދޫގައި ތިބި ސްޓެލްކޯ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ސްޓެލްކޯއިން ފާހަގަ ކޮށްފައިވާ ގޮތުގައި، ފެންބޮޑުވުމާއި ގުދުރަތީ ކާރިސާތަކާއި މުޖުތަމައުއަށް ދިމާވާ ބައެއް ދަތި ވަގުތުތަކުގައި ސްޓެލްކޯގެ މުވައްޒަފުން ދައްކާފައި ވަނީ އޯގާތެރިކަމާއި ހިތްވަރުގަދަކަމާއި ޒިންމާދާރުކަމެވެ. މިއީ ރައްޔިތުންގެ ލާބައަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ބަހައްޓާ އިހުލާސްތެރިކަމުގެ ހެއްކެއް ކަމަށް ފަހުމީ ވަނީ ސިފަ ކުރައްވާފައެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ ގައުމަށް ބޭނުން ޖެހޭ ހާލަތެއްގައި ސްޓެލްކޯއަކީ އެއްބާރުލުން ދޭ ތަނބެއްގެ ގޮތުގައި ތިބުމަކީ ކުންފުނީގެ އެއް މިޝަން ކަމަށެވެ.
ހަމައެހެންމެ، މިއަހަރުގެ މޭ މަހު އއ. ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް ސްޓެލްކޯގެ މުވައްޒަފުން ސޒަފުން ސަލާމަތްކުރި ހާދިސާއަކީވެސް ސްޓެލްކޯ މުވައްޒަފުންގެ ހިތްވަރާއި ޒިންމާދާރުކަން ހާމަވި އަދި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހާދިސާއެކެވެ.

