ސަރުކާރުން ބޭހުގެ އަގު ހެޔޮކުރުމަށް ގެނައި ބަދަލަށް ބައެއް ފާމަސީތަކުން ދެކޮޅުހަދަމުންދާކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެ، އަމަލު ކުރަމުންދާ ނަމަވެސް، ދެތިން ތަނަކުން މިކަމަށް އިއުތިރާޒު ކުރަމުންދާ ކަމަށެވެ.
“އަޅުގަނޑުމެނަށް އަދިވެސް ފާހަގަ ވަމުންދޭ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން އިއުތިރާޒު ކުރަމުންދާތަން. އެހެންނަމަވެސް އާސަންދަ މެދުވެރިކޮށް މިބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީއަކުން ވެސް ލިބެން ހުންނާނެކަން.” ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، މިހާރު ބޭސް ލިސްޓުގެ ދަށުން އަގުހެޔޮކޮށް 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަން ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ރައްޔިތުންގެ އަތް ނުފޯރާ ފަށުގައިކަމަށާއި، ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު 15 ގުނަ ރާއްޖޭގައި ބޭހުގެ އަގު ބޮޑުކޮށް ވިއްކަމުންދާ ކަމަށް ފާހަގަ ކުރެއްވިއެވެ.
“މިއީ 300 އިންސައްތައާއި 4000 އިންސައްތައިގެ ފައިދާ ލާފައި ބޭސް ވިއްކަމުންދާ މިންވަރު.” ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ބޭސްތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބޭހުގެ ހާއްސަ ލިސްޓެއް އޮންނައިރު، އެލިސްޓުގައި ހިމެނޭ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިގޮތުން މިމަސައްކަތްކުރަމުންދަނީ ޔޫއެންޑީޕީއާއި ގުޅިގެންނެވެ.
ސަރުކާރުން ބޭހުގެ އަގު ހެޔޮކުރުމަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. ނަމަވެސް، ބައެއް ފާމަސީތަކުން މިކަމަށް ދެކޮޅުހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ފާހަގަ ކުރެވެއެވެ.

