ރާއްޖޭގެ ޓެކްސް ބޭސް ބޮޑުކުރުމަށްޓަކައި “ޑެސްޓިނޭޝަން ޕްރިންސިޕަލް” ތަންފީޒުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިކަމަށްޓަކައި ގާނޫނުތައް އިސްލާހުކޮށް، އަންނަ އަހަރުގެ ޖޫން މަހު ތަންފީޒުކުރަން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ “ބަޖެޓް ޕޮޒިޝަން ރިޕޯޓް” ގައި މި ސިޔާސަތު ހިމަނާފައިވެއެވެ. “ޑެސްޓިނޭޝަން ޕްރިންސިޕަލް” އަކީ މުދަލާއި ހިދުމަތް އެންމެ ފަހުން ހޯދާ ގައުމަކުން އެ ހިދުމަތަކަށް ޓެކްސް ކުރެވޭ ނިޒާމެކެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރަމުންދާ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ސަރުކާރުން ތިން ކަމެއް ތަންފީޒުކުރާނެއެވެ. އެއީ:
- އޮންލައިން ޕްލެޓްފޯމްތަކުންނާއި އޮންލައިންކޮށް ގަންނަ މުދަލުން ޓެކްސް ނެގުން
- އިމްޕޯޓު މުދަލުން ޓެކްސް ނެގުން
- އޮފްޝޯރ ޓޫރިޒަމް ޕްލެޓްފޯމްތައް ޖީއެސްޓީ ނިޒާމުގެ ތެރެއަށް ވެއްދުން
އިމްޕޯޓު މުދަލުން ޓެކްސް ނަގާނީ ކަސްޓަމްސް މެދުވެރިކޮށެވެ. ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކަށް “ޑިފާޑް ޕޭމެންޓް” ނުވަތަ ފަހުން ޓެކްސް ދެއްކުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
ރައްޔިތުން އިމްޕޯޓުކުރާ ދަށް އަގުގެ މުދަލާއި އޮންލައިން ހިދުމަތްތަކުން ޓެކްސް ނަގާނީ ވެންޑަރ ރެޖިސްޓްރޭޝަން މޮޑެލްގެ ދަށުންނެވެ. މިއީ މުދާ ވިއްކާ ޕްލެޓްފޯމް މީރާގައި ރަޖިސްޓަރީކޮށްގެން ޓެކްސް ދައްކާ އުސޫލެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޮންލައިން ޕްލެޓްފޯމްތަކުންވެސް ޓެކްސް ނެގޭގޮތަށް ހެދުމަށް ވަނީ ނިންމާފައެވެ. މިގޮތުން ބުކިންގ ޕްލެޓްފޯމްތަކުން ޓެކްސް ނަގާނީ ވެންޑަރ ރަޖިސްޓްރޭޝަން މޮޑެލްގެ ދަށުންނެވެ.
މި ބަދަލުތަކުގެ ސަބަބުން ޖީއެސްޓީގެ ގޮތުގައި އިތުރަށް 573.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ނަމަވެސް މީގެ އަސަރު އެންމެ ފުރިހަމައަށް ފެންނަން ފަށާނީ 2026 ވަނަ އަހަރު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

