ތައިލެންޑާއި ޔޫއޭއީ އިން އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. މިކަން ހީނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހުގައި ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ކަނޑައަޅައި އެކަން އިޢުލާނުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ހީނާ ވިދާޅުވީ، ރައީސްގެ ވަޢުދާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
“ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ޚންދައިގެ ޚިދުމަތް ފޯރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އެ ވަޢުދު ފުއްދަވާނެ،” ހީނާ ވިދާޅުވިއެވެ.
އިތުރަށް ހީނާ ވިދާޅުވީ ދެ ޤައުމުގެ ހޮސްޕިޓަލްތަކާ އެކު މިހާރު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށާއި އެއާ ގުޅޭ އިތުރު ތަފުސީލާއި ތާރީޚެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އާސަންދައަކީ “ހަމައެކަނި ވަކި ދިމާއެއްގައި” އޮންނަ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ޚިދުމަތަކަށް ވާން އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. އަދި ފެންވަރު ރަނގަޅު ޤައުމުތަކަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

