ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތައްޔާރުވެއްޖެއެވެ.
ޕީއެންސީއިން ހުށަހަޅާ މި ބިލުގައި ހިމަނަނީ މެންބަރުކަން ގެއްލޭ ހަތަރު ހާލަތެކެވެ. އެއީ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން، އިންތިޚާބުވިއިރު، ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން، އިންތިޚާބުވި ޕާޓީން ވަކިވުން އަދި ޕާޓީން އެ މީހަކު ވަކިކުރުމެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ބޭނުންވަނީ މާދަމާ މި ބިލު ހުށަހަޅައި، ގާނޫނުއަސާސީ އިސްލާހުކުރަން މި ބިލު ފާސްކުރުމަށެވެ.
މަޖިލިސް މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް މިހާރު އޮންނަނީ އެންޓި ޑިފެކްޝަން ގާނޫނުގައެވެ. އެ ގާނޫނުގައިވާ ގޮތުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެއެވެ.
އިސްތިއުފާ ދޭންޖެހޭ ތިން ހާލަތެއް ބަޔާންކުރާއިރު، އެއީ އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވުމާއި، އެހެން ޕާޓީއެއްގައި ދަފުތަރުވުމާއި، އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައެވެ.

