އިސްރާއީލުން ދީފައިވާ ހަމަލާތަކުގައި ލުބުނާނުގެ 200 އަށްވުރެ ގިނަ ކުދިން މަރުވެއްޖެކަމަށް ޔުނައިޓެޑް ނޭޝަންސްގެ ކުޑަކުދިންގެ އޭޖެންސީ (ޔުނިސެފް) އިން ބުނެފިއެވެ.
އިސްރާއީލުން އެ ޤައުމަށް ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ލުބުނާނުގައި ކޮންމެ ދުވަހަކު 3 ކުދިން މަރުވަމުންދާ ކަމަށް ޔުނިސެފްއިން އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ގާޒާއެކޭ އެއްފަދައިން ލުބުނާނުގެ ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތާ ދެކޮޅަށް ނުފޫޒު އޮތް ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
"ލުބުނާނުގައި 2 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި 200 އަށްވުރެ ގިނަ ކުދިން މަރުވެފައިވާއިރު، ކަންބޮޑުވާންޖެހޭ ކަމަކީ މި އަނިޔާވެރިކަން ހުއްޓުވުމުގެ ބާރު އޮތް ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅާ ތިބުން." ޔުނިސެފްގެ ސްޕޯކްސްޕާަން ޖޭމްސް އެލްޑަރ ނޫސްވެރިންނަށް ބުނެފިއެވެ.
"ލުބުނާނުގެ ކުޑަކުދިން މިހާރު ވަނީ މި ބިރުވެރިކަމަށް އާދަވެފަ." އޭނާ އިތުރަށް ބުނެފައިވެއެވެ.

ހަނގުރާމައިގައި އަނިޔާވެފައިވާ ކުއްޖެއް.
އެލްޑަރ ވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ލުބުނާނުގެ އެކި ސަރަޙައްދުތަކުގައި ހިނގި 6 ހަމަލާއެއްގައި ކުޑަކުދިން މަރުވި ގޮތް ބަޔާންކޮށްދީފައެވެ. ގިނަ ފަހަރަށް އެ ކުދިން މަރުވެފައިވަނީ އެކުދިންގެ އާއިލާތަކާ އެކުގައެވެ.
ގާޒާގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން އިސްރާއީލުގެ ވައިގެ ހަމަލާތަށް ދެމުންދާއިރު، ލުބުނާނުގެ ކުޑަކުދިންގެ ހާލަތް ގާޒާގެ ކުދިންގެ ހާލަތާއި ދާދި އެއްގޮތް ކަމަށް އދ. ގެ އޮފިޝަލް ފާހަގަކުރިއެވެ. ފަލަސްތީނުގެ ސިއްޙީ ވުޒާރާގެ މަޢުލޫމާތުދޭ ގޮތުގައި ގާޒާގައި މަދުވެގެން 17,400 ކުޑަކުދިން މަރުވެފައިވެއެވެ.
ގާޒާއެކޭ އެފަދައިން، ލުބުނާނުގައި ވެސް މިހާރު ގާތްގަނޑަކަށް ސަތޭކަ ހާސް ކުދިން ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެއެވެ. އަދި ގިނަ އަދަދެއްގެ ހަމަލާތަކުގެ ސަބަބުން ސްކޫލުތައް ބަންދުވެފައިވެއެވެ. މީގެ ސަބަބުން ނަފްސާނީ ގޮތުން ކުދިންނަށް ކުރަމުންދާ އަސަރުތައް ފެންނަން ހުރެވެސް މިކަންކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިސްރާއީލުގެ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށް ލުބުނާނުގެ ދެކުނުގެ ގިނަ އާއިލާތަކެއް މިހާރު ދިރިއުޅެމުން ދަނީ ބެއިރޫތުގެ މަގުތަކުގައި.
ލުބުނާނުގެ ޢާންމު ސިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި ، ހަނގުރާމަ ފެށުނީއްސުރެ މަރުވެފައިވާ 3,452 މީހުންގެ ތެރޭގައި 231 ކުދިން ހިމެނެއެވެ. އަދި ޒަޚަމްވެފައިވާ 14,664 މީހުންގެ ތެރޭގައި 1,330 ކުޑަކުދިން ހިމެނެއެވެ.
އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭން ފެށީ ހިޒްބުއްލާ ހަތިޔާރު އުފުލާ ގްރޫޕާއި ދެކޮޅަށެވެ. ހިޒްބުއްލާއިން އިސްރާއީލަށް ރޮކެޓް ހަމަލާ ދޭން ފެށީ އިރާނާ ގުޅުންހުރި ގްރޫޕެއް ކަމުގައިވާ ހަމާސްއަށް ތާއީދުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1,139 މީހުން މަރުވެ، 250 އެއްހާ މީހުން ހައްޔަރުކުރެވުނެވެ. އޭގެ ފަހުން އިސްރާއީލުން ގާޒާއަށް ދިން ހަމަލާގައި މިހާތަނަށް 44,000 އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނު ރައްޔިތުން މަރުވެފައިވެއެވެ.
ނަމަވެސް، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް އިތުރަށް ހަރުކަށިކުރީ ފާއިތުވި ސެޕްޓެންބަރު މަހުގެ ފަހުކޮޅުގައެވެ. އެއީ ހަނގުރާމައިގެ ލަނޑުދަނޑިތައް ފުޅާކޮށް، ހިޒްބުއްލާ ޖަމާއަތް ނައްތާލުމާއި އުތުރުގައި ދިރިއުޅޭ 60,000 އިސްރާއީލު ރައްޔިތުން އެނބުރި ގެނައުމަށެވެ.
އިސްރާއީލުގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި އެމީހުންގެ މަޤްޞަދަކީ ހިޒްބުއްލާ އެއްކޮށް ނައްތާލުމެވެ. ނަމަވެސް، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ހާހުން ގުނާ އަދަދަކަށް ލުބުނާނުގެ އާންމު ރައްޔިތުންނާއި ގާތްގަނޑަކަށް 200 ސިއްޙީ މަސައްކަތްތެރިން މަރުވެފައިވެއެވެ. ހިޒްބުއްލާއިން ވެސް ރޮކެޓް ހަމަލާތައް ކުރިއަށް ގެންގޮސް، އިސްރާއީލުގެ އެތެރެއަށް، ޓެލް އަވީވް އާ ހަމައަށް ވެސް ހަމަލާތައް ދެމުން ގެންދެއެވެ.

