ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެމަނިކުފާނުގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި، ޚާއްސަކޮށް ޓިކްޓޮކް، އިންސްޓަރގްރާމް، ފޭސްބުކްގައި އޭނާގެ ފޮޓޯއާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުއާމަލާތްތަކުގެ ފުރުސަތު ދިވެހިންނަށް ހޯދައިދޭ ކަމަށް ދައްކުވައިދީ، އަދި ރާއްޖޭގެ ގައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާ ލިބޭނޭ ގޮތް ހަމަޖެހޭނޭ ކަމަށް ބުނަމުންދާ ކަމަށެވެ.
އެގޮތުން އޭނާގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ/ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވައިލާ، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިގެ އަމަލުތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަގީގަތެއް ނެތް ވީޑިއޯ ކްލިޕްފަދަ ތަކެތި ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އެކި ވައިބަރ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި، ޝެއަރކޮށް ހެދުމުން ދުރުވުމަށް ވެސް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

