ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހަކީ ތައުރީފު ހައްގު ފިޔަވަޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިއީ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ގާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތައުރީފު ހައްގު ފިޔަވަޅެއް ކަމަށެވެ.
އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްގީފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާހަށް އިސްކަންދެއްވައި، މި އިސްލާހު އަވަހަށް ފާސްކުރުމަށް ފަހުމީ ވަނީ މަޖިލިސް މެމްބަރުންނަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި، ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށް އަޅުގަނޑު ދެކެން.
ފަހުމީ ވިދާޅުވީ އިންތިޚާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަޚްލާގާއި ޚިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.
މި ހުށަހަޅާފައިވާ އިސްލާހުން ސީދާ މި ގޮންޖެހުންތަކަށް ހައްލު ހޯދައިދެނީ، ގިނަ ފަހަރު އަމިއްލަ އެދުން އިސްކޮށް، ވަގުތީ މަންފާއަށް ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވައިގެން ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގާނޫނު ހަދާ މަރުހަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއެރުވުމުން، މި އިސްލާހުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވައުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާހައުލު ހަމަޖައްސައިދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން މި އިސްލާހުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެންދާނެ ކަމަށާއި، ދެފުށް ފެންނަ، ޒިންމާދާރު ގާނޫނު ހަދާ މަޖިލީހެއް ދެމިއޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނުތައް ނެގެހެއްޓުމުގެ ފުރުސަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެ ކަމެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެހެން ގައުމުތަކުގައި ހަދާފައިވާ މިފަދަ ގާނޫނުތަކަކީވވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހާމަކޮށް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުސަތެއްކަން ފާހަގަކޮށް، ފަހުމީ ވަނީ ގައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާހަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ.

