ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ތައުރީފުކުރައްވައިފިއެވެ.
ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ދައުލަތުގެ މީޑީއާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ވަޙީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ދައުރު ބަދަލުވީއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމަށާއި، އޭގެތެރޭގައި ޚާރިޖީ، ދާޚިލީ އަދި އިގުތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
އެގޮތުން އިންޑިއާއާއެކު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި، ޑރ. ވަޙީދު ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުމަށް އޭރު ބުރޫއަރާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަންނެވިތާ މާގިނަ ދުވަހެއްނުވެ، އެ ގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އެގޮތުން ދެ ގައުމުގެ ގުޅުން ބަދަހިވެގެން ގޮސްފައިވާ ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. ވަޙީދު ވަނީ ފަލަސްތީނުގެ މައްސަލާގައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ޚާއްސަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ.
އެގޮތުން އޯއައިސީގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަގުރީރަކީ ފަހަކަށް އައިސް ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރު ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ސައުތު އެފްރިކާއިން އިޒުރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއީދުކޮށް، ގާބިލު ވަކީލުންގެ ޓީމެއް ވެސް ފަލަސްތީނުގެ ހައްގުގައި ފޮނުއްވިކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

