ގއ ނިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ރާވެރިޔާ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަން ފުރަތަމަ މެޗުގައި ގެމަނަފުށިން ބޮންބޮން ސްޕޯޓްސް ކުލަބުގެ މަށްޗަށް ކުރިހޯދައިފިއެވެ.
ނިލަންދޫ ވޮލީ ކޯޓުގައި މިއަދު ކުޅެވުނު މިމެޗް ގެމަނަފުށިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
ސެޓުތައް ގެންގޮސްފައި ވަނީ 25/15 ، 25/23 އަދި 25/22 އިންނެވެ. ގއ ގެމަނަފުށީ އަންހެން ވޮލީބޯލް ޓީމަކީ މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ޓީމެވެ. އަދި މިފަހަރުގެ މުބާރާތަށް ވަރަށް ރަނގަޅަށް ވަނީ ތައްޔާރުވެފައެވެ.
މިއަދުގެ މެޗުން ގެމަނަފުށި ޓީމްހެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގެމަނަފުށި ޓީމްގެ ޖޯޒީ ނަންބަރު 7 ރަމްލާ އަބޫބަކުރު އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް މިރޭ އޮންނާނެއެވެ. މި މެޗުގައި ވާދަކުރަނީ ކެޕިޓަލް ސިޓީ އަދި ވިލިނގިލީ ވޮލީބޯލް ކުލަބެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައި ނިލަންދޫ ވޮލީކޯޓުގައެވެ.
ރާވެރިޔާ ވޮލީ މުބާރާތަކީ ގއ އަތޮޅުގައި އެންމެ ފޯރީގައި ކުރިއަށްދާ މުބާރާތެވެ. މިފަހަރު މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
2 ޑިވިޝަނަށް ބަހައިގެން ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

