ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުންކުރަން ހުއްދަ ނުދެވޭނެ ކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ފާސްކުރީ މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 78 މެންބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވިއެވެ.

