ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައި މިހާރު ރާއްޖޭގެ ސަރަހައްދު ކަމަށް ބަޔާންކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ޖައްވާއި، ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި، އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި ކަނޑާއި ގުޅިފައިވާ ޖައްވު ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގާނޫނުއަސާސީގެ ތިންވަނަ މާއްދާއަށް (ށ) އިތުރުކުރުމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.
މަޖިލީހުން ހެނދުނު ބޭއްވި ޖަލްސާގައި މި އިސްލާހު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއެވެ.
އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ ފަދަ ކަމެއް މަޖިލީހަށް ފާސްކުރެވޭނީ ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވައިފައެވެ.
މީގެއިތުރުން ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން ވެސް އިސްލާހު ހުށަހަޅުއްވައިފައެވެ.
ކޮމިޓީގެ އަޣުލަބިއްޔަތުން މި ދެ އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ހަވީރުގެ ޖަލްސާގައި 78 މެންބަރުންގެ ވޯޓާއެކު ވަނީ މި އިސްލާހުތައް ފާސްކޮށްފައެވެ.

