ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ގއ ވިލިނގިލީ ވޮލީ ބޯޅް ކުލަބު އަދި ކެޕިޓަލް ސިޓީ ވާދަ ކުރި މެޗް ފަހަތުން އަރައި ކެޕިޓަލް ސިޓީން ކާމިޔާބު ކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗުގެ ސެޓްތައް ދިޔައީ 25/21،27/2525/20 އަދި 25/18 އިންނެވެ.
ގއ ވިލިނގިއްޔާ ނިސްބަތްވާ މި ދެޓީމް ވާދަކުރި މި މެޗްގެ ފުރަތަމަ ސެޓު ގެންދިޔައީ ވިލިނގިލީ ވޮލީބޯލް ކުލަބުންނެވެ. އެހެންނަމަވެސް ފަހު ސެޓުތަކުގައި ކުޅުން ރަނގަޅު ކޮށް ކެޕިޓަލް ސިޓީން ވަނީ 03 ސެޓް ކާމިޔާބުކޮށްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކެޕިޓަލް ސިޓީގެ ޖާޒީ ނަންބަރު 08 އަހުމަދު އަޒީމްއެވެ.
މުބާރާތުގައި މާދަމާ ވެސް 2 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު އަންހެން ޑިވިޝަންގެ، ވިލިނގިލީ ވޮލީބޯލް ކުލަބާއި ޓޮޕް ބްރަދާސް ވާދަކުރާ އިރު މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ. ރޭގަނޑު ފިރިހެން ޑިވިޝަންގެ ޓޮޕް ބްރަދާސް އަދި ކޮނޑޭ ވޮލީ ކުލަބު ވާދަކުރާއިރު މި މެޗު ފެށުމަށް ހަމަޖެހިފަނީ 20:00 ގައެވެ.
2022 އަހަރު މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މުބާރާތަަށް ހުރިހާ ޓީމްތަކުން ފޯރިއާއިއެކު ޕްރެކްޓިސް ކުރަމުންދާއިރު، މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

