ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އެ ބޭފުޅަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެވަޑައިގެންފިނަމަ އެބޭފުޅެއްގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތެއް ދެން ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި އިސްލާހާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި، މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ މެންބަރުންގެ 99 އިންސައްތައަކީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވައި ރައްޔިތުން އިންތިޚާބުކުރާ ބައެއް ކަމަށާއި، އެހެންކަމުން ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެތީ އެކަން ގާނޫނު އަސާސީން ކަށަވަރުކޮށްދިނީ ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު، ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމަށް ރައްދު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހެނީ ކޮން ކަންކަމެއްގައިތޯ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ވީމާ ރައްޔިތުން ވަކި ސިޔާސީ ފިކުރަކަށް ތާއީދުކޮށް ވޯޓު ދީފައިވާ ބަޔަކު އިސްކުރަންޖެހޭނީ ވެސް ރައްޔިތުންގެ ފަޅި ކަމަށެވެ.
18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުން ޕާޓީ ބަދަލުނުކުރެވޭ ގޮތަށް އެންޓި-ޑިފެކްޝަން ގާނޫނު އެކުލަވައިލި ކަމަށާއި، ނަމަވެސް އެއްވެސް ބަޔަކަށް ގާނޫނުއަސާސީން އެ ގާނޫނަށް ބާރުދޭކަށް ނުކެރުނު ކަމަށާއި، 20 ވަނަ މަޖިލީހުން އެ ކަންވެސް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީން އޭރު މި ގާނޫނު ހެދީ ދައުރު ނިމިނިމި އޮއްވާ ކަމަށާއި، އޭރު އެބޭފުޅުންނަށް ހީފުޅުވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ނުލިބޭނެ ކަމަށް ކަމަށެވެ. ނަމަވެސް އެއާ ޚިލާފަަށް ރައްޔިތުން ބެލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރެވޭނެ މަގެއް ހޯދައިދިނުމަށް ކަމަށާއި، ބެލިއިރު އެ މަގަކީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ރައީސް ޑރ. މުޢިއްޒަށް ދިނުން ކަމަށެވެ.
ދިނީމަ އެބޭފުޅުންނަށް ނެތް ކުރެވޭނެ ކަމެއް. މި ގާނޫނު އޮއްވާ ގާނޫނުއަސާސީން ބާރުދިނީމަ ނެތް ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތެއް.
ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އަވަސް އަރުވާލައިގެން އެންމެ ދުވަހެއްގެ ތެރޭގައި ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކުރައްވާފައިވާ ކަމަށެވެ. އަދި 17 އަހަރު ވަންދެން ގާނޫނުއަސާސީ އިސްލާހުކުރަން ތިބި ގޮތަށް ގާނޫނުތައް އިސްލާހުކުރަން މި ޒަމާނަކު ތިބޭކަށް ނުޖެހޭ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އެއަށްވުރެ ބާރު ސްޕީޑުގައި ކުރިއަށްދާން ކަމަށާއި، ރައްޔިތުން ޕީއެންސީއަށް ސްޕަރ މެޖޯރިޓީ ދިނީ އެބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމާއި، އިންތިޚާބުވިއިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި، އިންތިޚާބުވި ޕާޓީން ވަކިވުމާއި، ޕާޓީން އެ މެންބަރަކު ވަކިވުމެވެ.

