ކަނޑުމަގުން އަންނަ މުދާ ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ކުރިއަށްގެންދާ ސީ ޓު އެއަރ ކާގޯ ޚިދުމަތާ އިތުރު އެއަރލައިނަކުން ގުޅިއްޖެެއެވެ.
ސީ ޓު އެއަރ ކާގޯ ޚިދުމަތާ ގުޅުނީ މެލޭޝިޔާގެ އެއަރލައިނެއް ކަމަށްވާ ވޯލްޑް ކާގޯ އެއާލައިނުންނެވެ. އެގޮތުން ޚިދުމަތް ފެށުމުގެ ގޮތުން އެ އެއަރލައިނުން ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި އަންނައުނުގެ ބާވަތްތައް ޔޫރަޕްގެ އެކި ގައުމުތަކަށް ގެންގޮސްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މިދިޔަ މާޗުމަހުގައި ފޯރުކޮށްދޭން ފެށި މި ޚިދުމަތާ ޖުމްލަ 12 އެއާލައިނަކުން ވަނީ ގުޅިފައެވެ.
މި ޚިދުމަތުން މިހާތަނަށް ތިން މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށް ދާދިފަހުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ވިދާޅުވެފައެވެ.

