އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގކުރުމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
މި ރަސްމިއްޔާތުގައި ފަހުމުނާމާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންމަކީ މުހިންމު ކަމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ވިދާޅުވީ އެ ކުންފުންޏަކީ ތަފާތު އެކި ދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައް އޮތް ތަނެއް ކަމަށާއި ގިނަ މަސައްކަތްތަކަކީ ޚާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއް ކަމަށެވެ.
މިފަދަ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަކީ ކުންފުންޏަށް ބޭނުންޖެހިފައި އޮންނަ ކަމަކަށްވާއިރު، މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ގައުމީ ފެންވަރުގައި ފެށުނު މި މަސައްކަތަކީ ކާމީޔާބު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.

