ނަޔަންތާރާ އުފަން ނަމަކީ ޑަޔާނާ މަރިޔަމް ކުރިއަން ކަމަށްވީ ނަމަވެސް އޭނާގެ ނަމަކީ މިއަދު ނަޔަންތާރާއެެވެ. ހަގީގަތުގައިވެސް ތަރިއެކެވެ.
ނަޔަންތާރާ ބިޔޮންޑް ދަ ފެއަރީ ޓޭލް: "މީހެއްގެ އުފާ ފެނުމުން ބަލާމީހުންނަށް ކޮންމެވެސް ވަރެއްގެ އުއްމީދަކާއި އުފަލެއް ލިބޭނެކަމަށް އަހަރެން އުއްމީދުކުރަން،" މިއީ މި ޑޮކިއުމެންޓަރީ ތައްޔާރުކުރަން ބޭނުންވި ސަބަބު ބުނެދެމުން ނަޔަންތާރާ ބުންޏެވެ.
ނަޔަންތާރާ ނުވަތަ ލޯބިން ކިޔާ ގޮތަށް ނަޔަން، "ލޭޑީ ސުޕަރސްޓާރ" ގެ ލަޤަބު ހޯދުމަށް 18 އަހަރަށްވުރެ ގިނަ ދުވަހު ބުރަކޮށް މަސައްކަތް ކުރިއެވެ. އެކްޓަރ ރާދިކާ ސަރަތްކުމާރު މި ޑޮކިއުމެންޓަރީގައި ފާހަގަކުރިގޮތުގައި، "އޭނާގެ ދަތުރު ކުރިއަށް ގޮސްފައިވަނީ ފަސޭހައިން ކަމަކަށް އަހަރެން ނުދެކެން. ވަރަށް ކާމިޔާބު ކެރިއަރެއް އޮވެ، އެ ކެރިއަރު ހިތުގެ އިހުސާސަކަށްޓަކައި ދޫކޮށްލުމަކީ ކޮންމެ ދުވަހަކު ވާ ކަމެއް ނޫން."

ޑަޔާނާ މަރިޔަމް ކުރިއަން/ނަޔަންތާރާ(އޭރާއި މިހާރުގެ ސާފުމަންޒަރެއް، ޕްލާސްޓިކްސާޖަރީއަކާ ނުލައިވެސް މީހާއަށް ބަދަލުގެނެވިދާނެ)
"ތަމަޅަފިލްމެއްގެ ކާމިޔާބީއާއި އެފިލްމުގެ އަސަރުތަކުގެ 80 އިންސައްތަ އޮންނާނީ އޭގެ އުޅޭ ފިރިހެން އެކްޓަރަކަށް ބިނާވެފައި، އެކަމަކު ނަޔަންތާރާ އުޅޭ ފިލްމެއް ނަމަ އެފިލްމެއްގެ 90 އިން ސައްތަ ގުޅިފައި އޮންނާނީ ނަޔަންއާ، އޭނާ ލޭޑީ ސުޕަސްޓާރަށް ވީ އެލަގަބާއި މަގާމު ހައްގުވެގެން،"
ތިރުވައްލާއިން "ސްޓާޑަމް"، ކާމިޔާބީގެ އެންމެ އުހަށް
އޭނާގެ ފިލްމީ ހަޔާތަކީ ހަގީގަތުގައިވެސް ޕަރީންގެ ޖާދޫގެ ވާހަކައެކެވެ. ކެރެލާގެ ތިރުވައްލާ ކިޔާ ކުޑަ ރަށަކުން އައި ނަޔަންތާރާ، އެންމެ ދިހަ އަހަރުތެރޭގައި ދެކުނު އިންޑިއާގެ އެންމެ ބޮޑެތި ތަރިންގެ ތެރެއިން އެކަކަށް ވެގެން ދިޔައީތީއެެވެ، ނަމަވެސް ނަޔަންތާރާގެ ކާމިޔާބީގެ މަގު އޮތީ އެހާ ފަސޭހަކޮށެއް ނޫނެވެ. 2005 ގައި ޑައިރެކްޓަރ އޭ.އާރު މުރުގަދޯސްގެ ގަޖިނީ ނުކުތް އިރު، އޭނާއަށް ވަރަށް ގިނަ ބޮޑީ ޝޭމިންގއާއި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެކަން ހައްލު ކުރާނެ ގޮތެއް އޭރު އޭނައަށް ނޭނގުނެވެ. ނަޔަން ބުނާގޮތުގައި އޭނާ ކުރިހާވެސް ކަމަކީ ޑައިރެކްޓަރު ބުނި ގޮތަށް ކަންތައްތައް ކުރުމެވެ.
ނަމަވެސް، މި ހުރިހާ ކަމަކުން އޭނާ ވަރުގަދަވެގެން ދިޔައެވެ. އޭނާއަކީ ކެތްތެރި ހުށިޔާރު އަންހެނެކެވެ. "ނަޔަން އަކީ އަމިއްލަ ހައްގަށްޓަކައި ކާމިޔާބަށްޓަކައި ހަނގުރާމަކުރި އަންހެނެކެވެ. އަދި ފިލްމީދުނިޔޭގެ ތަރިންގެ ތަރިއަކަށްވުމަށް، ކާމިޔާބީގެ އެންމެ އުހަށް އެރުމަށް، އޭނާ ކުރި މަސައްކަތްތައް ގިނައެވެ. އޭނާ އެމަގާމުގައި އެހެރީ ހައްގުވެގެންނެވެ." މިއީ މި ޑޮކިއުމެންޓަރީގައި ބައިވެރިވި ފިލްމީތަރިން ބުނާ ގޮތެވެ. މީގެ ތެރޭގައި ނާގާރުޖުނާ، ރާނާ ދަގުބަތީ، ތަމަންނާ ބަޓިއާ، އުޕެންދްރާ، ރާދިކާ ސަރަތްކުމާރު، އަދި ޕާރވަތީ ތިރުވޯތު ހިމެނެއެވެ.
ނަޔަންތާރާ އަކީސުޕަރސްޓާރުންނަށް ވެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމުގެ ވިސްނުން ނައްތާލި ހުނަރުވެރި ބަތަލާއެވެ. ނަޔަންތާރާ ވަނީ މި ވިސްނުމާއި ގަބޫލު ކުރުން ބަދަލުކުރުވައި "ލޭޑީ ސުޕަސްޓާރ" ކަމުގެ ލަގަބާއި މަގާމު ހޯދާފައެވެ. އަދި އޭނާގެ މިދަތުރު ފަހަރެއްގައިވެސް ފަސޭހައެއް ނޫނެވެ.

ނަޔަންތާރާއާއި އޭނާގެ ފިރިމީހާ ވިގްނޭޝްޝިވަން
ނަޔަންތާރާގެ ކާމިޔާބުގެ ވާހަކަ ތެލެގޫ ސިނަމާގެ ކާމިޔާބީގެ ވާހަކައިން ނުނިމެއެވެ. ބޮލީވުޑްގެ ކިންގ ގެ އެންމެ ކާމިޔާބު އެއް ފިލްމު "ޖަވާން" ގައި ޝާހުރުކްހާން އާއެކު ވެސް ނަޔަންތާރާގެ ފުރިހަމަ ހަރަކާތްތައް ވަނީ ފެނިގެންގޮސްފައެވެ.
ލޯތްބާއި އަޑިގުޑަން ދަތުރު
އަމިތް ކްރިޝްނަން ޑައިރެކްޓްކުރި މި ޑޮކިއުމެންޓަރީގައި ނަޔަންތާރާގެ ހުރިހާ ހަގީގަތްތަކަކަށް އަލިއަޅުވާފައެއް ނުވެއެވެ. ވަރަށްވެސް ކުޑަގޮތަކަށް އަލިއަޅުވާލާފައިވާއިރުވެސް 2011-2013 ގެ ދެމެދު ހިނގި ކަންކަމުގެ ވާހަކައެއްވެސް ނުދައްކައެވެ.
ނަޔަންތާރާގެ މި ދެއަހަރުގެ ނުފެނުމަށްފަހު އިންޑަސްޓްރީއަށް އޭނާ އެނބުރި އައީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. މި ޑޮކިއުމެންޓަރީން ދައްކައިދެނީ އެކްޓަރުންނަކީވެސް އިންސާނުންކަމާއި އެމީހުންގެ އަމިއްލަ ދިރިއުޅުމަކީވެސް އާންމު އެހެންމީހުންގެވެސް ދިރިއުޅުންފަދަ އެކި މައްސަލަތަކުން ފުރިފައިވާ އެއްޗެއް ކަމެވެ.

ނަޔަންތާރާ، ބިޔޯންޑްފެއަރީޓޭލް، ޑޮކިއުމެންޓްރީ ތެރެއިން
"ބިއްލާ" ފިލްމުން ހިތްތަކުން ޖާގަ ހޯދި ނަޔަންތާރާގެ ހުރިހާ ގުޅުންތަކުގެ ވާހަކަ ދައްކާފައި ނުވެއެވެ. ނަޔަންތާރާ ކިޔައިދީފައިވާ ގޮތުގައި އޭނާއާ ބެހޭގޮތުން އެތަކެއް ވާހަކަތަކެއް ފެތުރުނުއިރު، އެގުޅުންތަކުގެ އަނެއްފަރާތުގައި ތިބީ ފިރިހެނުން ކަމަށްވާތީ އެމީހުންގެ އެއްވެސް ވާހަކައެއް ގޯސް ސިފައެއްގައި މީހުން ގެނެސްދީފައި ނެތް ވާހަކައެވެ.
"ލޯތްބަށްވުރެ ބޮޑަށް، އެއީ އިތުބާރާ ގުޅުން ހުރި މައްސަލައެއް. އަހަރެން، އަހަރެންގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން އެއްވެސް އިރެއްގައި ވާހަކަ ނުދައްކަން. އެކަމަކު މީހުން އެވާހަކަތައް ހިތްހަމަޖެހޭ ގޮތަކަށް އަމިއްލައަމިއްލަ ނަޒަރިއްޔާތުން ކިޔައި އުޅުނު، އަހަރެން އެންމެ ބޮޑަށް ހިތްދަތިވީ މީހުން އަހަންނާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަން ފެށުމުން."

ނަޔަންތާރާ، ބިޔޯންޑްފެއަރީޓޭލް، ޑޮކިއުމެންޓްރީ ތެރެއިން
2011 ގައި، ނަޔަންތާރާ ކުއްލިއަކަށް ފިލްމު އިންޑަސްޓްރީ ދޫކޮށްލުމަށް ނިންމި ސަބަބުވެސް މި ޑޮކިއުމެންޓަރީން އެނގެއެވެ. އޭރު ނަޔަން ހުރީ ސީރިއަސް ގުޅުމެއްގައި ކަމަށް ރިޕޯޓުތަކުގައި ލިޔެވުނެވެ. މިކަމުން އޭނާއަށް ސަޕޯޓުކުރާ މީހުންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. "ނާނަމް ރައުޑީ ތާން" ފިލްމުން މީހުންގެ ލޯބި ހޯދި ނަޔަން ކިޔައިދިނީ ކުރުކޮށް ނަމަވެސް ހަގީގަތެވެ.
"އަހަރެންގެ ޕްރޮފެޝަން ދޫކޮށްލަން ޖެހޭ ހާލަތެއް އައި… އެއަށްވުރެ ދުރަކަށް ނުދެވޭނެ. އަހަރެން އިންޑަސްޓްރީ ދޫކޮށްލީ އޭރު އެކުގައި އުޅުނު "އެ މީހާ" އިންޑަސްޓްރީ ދޫކޮށްލަން ބުނުމުން އެއީ އެއްވެސް އިރެއްގައި އަހަރެންގެ އަމިއްލަ ނިންމުމެއް ނޫން. އެއީ އެއްވެސް އިރެއްގައި އޮޕްޝަނެއްވެސް ނޫން. އޭރު އެކަމާމެދު ވިސްނާލާއިރު، އަހަރެންނަށް އެނގުނީ، ދިރިއުޅުމަކީ ކޮބައިކަން އެނގޭވަރަށް އަހަރެން ބޮޑުވެފައި ނެތް ކަން!"

އުޔިރު އަދި އުލަގު
ޑޮކިއުމެންޓަރީން ދެން، އަޅުގަނޑުމެންނަށް ފެންނަނީ ނަޔަންތާރާ އޭނާގެ ޑައިރެކްޓަރ ވިގްނޭޝް ޝިވަންއާ އެކުގައި އޮތް ގުޅުމުގެ ވާހަކައެވެ. އަދި އެ ގުޅުން 2015 ގައި ފެށުނު ގޮތުގެ ވާހަކައެވެ. ވިގްނޭޝް ޝިވަންގެ ބެކްގްރައުންޑްގެ ވާހަކަ އަޑުއިވެއެވެ. ވިގްނޭޝް ޝިވަން އަކީ ލަދުވެތި މިޒާޖެއްގެ، މަޑުމައިތިރި މީހެކެވެ.
"އަހަރެން މުޅިން ބަދަލުވެއްޖެ، ކައިވެނީގެ އެހިނދުކޮޅު، ވިގްނޭޝް ޝިވަންގެ އަނތްބަކަށްވީ ވަގުތު، އަހަރެންގެ މުޅި ދުނިޔެ ބަދަލުވެއްޖެ، އަހަންނަށް އެނގުނީ އެހިސާބުން، އޭގެ ކުރިން ދުވަހަކުވެސް އެފަދަ އިހުސާސެއް ކުރެވިފައި ނެތްކަން، މިފަދަ ޒަމާނެއްގައި ޝިވަންފަދަ ފިރިއަކު، ބައިވެރިއަކު، އަހަރެން މިބުނަނީ ހަމަ ވަރަށް ބޮޑު ތެދެއް، މަދު ނަސީބުވެރިއަކަށް އެފަދަ ހެޔޮނަސީބެއް ލިބޭނީ، އަހަރެން މިއީ ނަސީބުވެރިއެއް، ވިގްނޭޝްފަދަ ފިރިއަކު، ހަޔާތުގެ ބައިވެރިއަކު ލިބުނީތީ،" ނަޔަންތާރާގެ ލޮލުން ފޭބި ކަރުނަ، އޭނާގެ ބަސްތަކުގެ ތެދުކަމަށް ފުދެއެވެ.
ޑޮކިއުމެންޓަރީގެ ބާކީ ބައިގައި ދައްކަނީ އޭގެ ފަހުން ހިނގި ކަންކަމުގެ ވާހަކައެވެ. އެންމެ ފަހުން ދައްކަނީ އެ ދެމީހުންގެ ކައިވެނީގެ ވާހަކައާއި އެ ދެމީހުންގެ ކުދިން ކަމުގައިވާ އުޔިރު އަދި އުލަގުގެ ވާހަކައެވެ.

ނަޔަންތާރާއާއި ވިގްނޭޝް، ދެކުދިން އުޔިރު އަދި އުލަގުއާއެކު
"ނަޔަންތާރާ – ބިޔޮންޑް ދަ ފެއަރީޓޭލް" އަކީ ގިނަ ބައިތަކެއްގައި ދައްކަނީ ނަޔަންތާރާ ބޭނުންވެފައިވާ ގޮތަށެވެ. މާދަމާވެސް އެ ޑޮކިއުމެންޓްރީ އިން ހިތާމަވެރި، އަދި އުނދަގޫދެނިވި އެއްވެސް ވާހަކަތަކެއް ސިފަވާނެ އެއްވެސް ކަމެއް އޭނާ ދައްކާކަށް ބޭނުން ނޫނެވެ. ސަބަބަކީ އެއީ އޭނާގެ ކައިވެނީގެ ހަނދާނަކަށް ކުރި ކަމަކަށް ވާތީއެވެ. ކައިވެނީގެ ޕްލޭންގެ ތެރެއިން އައި ވިސްނުމަކަށް ވާތީއެވެ.
ނަޔަންތާރާގެ ދަތުރުގެ އުނދަގޫތަކާއި، ޖަދަލުތަކާއި، އަދި ތަމިލް ސިނެމާގައި އޭނާ މިއަދު އެހެރަ މަގާމަށް އައުމާ ހަމައަށް އުފުލި އެއްވެސް ބުރަތަކެއްގެ ވާހަކަ މާބޮޑަށް ދައްކާފައެއް ނުވެއެވެ.
ވިގްނޭޝް ޝިވަން މި ޑޮކިއުމެންޓަރީގައި ނަޔަންތާރާއަށް ބުނާ ގޮތަށް "އަބަދުވެސް އަހަރެމެންނާ ޗެލެންޖުތައް ކުރިމަތިވާނެ، އެއީ ދިރިއުޅުމަކީ،" ނަޔަންތާރާ އައު ޗެލެންޖުތަކާ ކުރިމަތިލުމަށް ތައްޔާރަށް ހުރި ކަމަށް ފެނެއެވެ. ނަމަވެސް މިފަހަރު އޭނާގެ ފިރިމީހާ ވިގްނޭޝް ޝިވަންއާ އެކުގައެވެ. އޭނާއަކީ އަބަދުވެސް ނަޔަންތާރާގެ ހިޔަންޏެއްހެން އެކުގައި ހުރި، ނަޔަންތާރާގެ އެހީތެރިޔާއެވެ، ހިތްވަރުދިނުމުގައި ވިގްނޭޝް ޝިވަން އަކީ ނަމޫނާ އަކަށް ފުދޭ ފިރިއެކެވެ.

ނަޔަންތާރާއާއި ވިގްނޭޝް، ދެކުދިން އުޔިރު އަދި އުލަގުއާއެކު
ނަޔަންތާރާގެ ވާހަކައަކީ ޕަރީންގެ ވާހަކައަކަށް ފުދޭ ވަރުގެ ވާހަކައެެވެ. އަންހެނަކު، އެތަކެއް ގޮންޖެހުންތަކާއެކުވެސް، އޭނާގެ ދިރިއުޅުމާއި މަސައްކަތުގެ ދަތުރުގައި ކުރި ހިތްވަރުގެ ވާހަކައެވެ. ފިލްމު އިންޑަސްޓްރީގައި ފިރިހެން އެކްޓަރުންނަށްވުރެ ތަންފުކެއްވެސް އަންހެންއެކްޓްރެސްއިން ދެރަނޫންކަން ސާބިތުކޮށްދިން ފިލްމީތަރީގެ އަމިއްލަ ވާހަކަތަކެވެ.
ގިނަ ނާކާމިޔާބު ގުޅުންތަކަކަށްފަހު އެންމެ ފަހުން ލޯބި ލިބުނު ތަރިއެއްގެ ވާހަކައެވެ. އަދި ތިމާ ވަރުގަދަވެ، އަމިއްލަނަފުސަށް އިތުބާރުކުރާނަމަ، ތިމާގެ ހަޔާތުގެ ކުރިއަށްއޮތް ރާސްތާގެ މަގު ކޮށިސާފުވެގެންދާނެކަން، އެތައް ބަޔަކަށް ދައްކައިދިން އެކްޓަރެއްގެ ވާހަކައެވެ.
މި ޑޮކިއުމެންޓަރީގައި އޭނާގެ ދިރިއުޅުމާއި އެކްޓިންގ ކެރިއަރގެ ވާހަކަ ހިމެނެއެވެ. ނަޔަންތާރާ – ބިޔޮންޑް ދަ ފެއަރީޓޭލް، ނެޓްފްލިކްސް އިން މިހާރު ފެންނާނެއެވެ.

