ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ގެނައި އިސްލާހުތަކަކީ ރާއްޖޭގެ މިނިވަންކަމާއި، ހަމަޖެހުމަށްޓަކައި މުހިންމު ނިންމުންތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިސްލާހު ގެނެސްފައެވެ.
ގާނޫނު އަސާސީއަށް ގެނައި މުހިންމު އިސްލާހުތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް ވަނީ އިތުރުކޮށްފައެވެ. އެ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުން ނުވަތަ ޕާޓީއިން ވަކިކުރުމެވެ.
ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލާއެކު ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. އަދި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހުގެ ދަށުން އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
އިސްލާހުތަކާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުން ކަމަށާއި، ނަމަވެސް އިއްޔެ ގެނައި އިސްލާހާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣުލަބިއްޔަތަކުން ފާސްކުރަން ޖެހޭ ގޮތަށް ކަނޑައެޅިފައިވާ ކަމަށެވެ.
މީގެއިތުރުން ގެނައި އިސްލާހާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތަށް ކަނޑައަޅާ ސަރަހއްދަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، އަމަލީ ގޮތުން ހަރަކާތްތެރިވާނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީ ވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭ ގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިއްޔެ ގެނައި އިސްލާހަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި "އެންޓި ޑިފެކްޝަން" ގާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި އިއްޔެ ގެނައި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްގީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ގައުމީ ރޫހުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެކެވެ.
މފަދަ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވީތީ ރައީސް ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

