އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ހަލުވިކޮށް ކުރިއަށްދާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީއިން މިހެން ބުނީ އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު ބަލައިނުގަތުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރޭ ނެެރުނު ބަޔާނެއްގައެވެ.
ޕީއެންސީއިން ބުނީ އެމްޑީޕީގެ ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ވޯޓު ދިނީ، މިއީ މަޖިލީހުގައި އިއްޔެ ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި އެއްވެސް ހެޔޮ ނިޔަތެއްނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމުގައި ދެކޭތީ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ކުރިއަށްގެންގޮސް، އެކުލަވާލައިފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެކަމާމެދު މި ޕާޓީން ޝައްކެއް ނުކުރަމެވެ.
މީގެއިތުރުން ބަޔާނުގައި ވަނީ މި ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
އަދި އެ ޕާޓީން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކީ ކަމަށް ޕީއެންސީއިން ބުނެފައިވެއެވެ.

