މިހާތަނަށް ރާއްޖެއިން ފަލަސްތީނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއްވެދިނީ މި ސަރުކާރުގައި ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު ބަލައިނުގަތުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރޭ ނެެރުނު ބަޔާނެއްގައި ޕީއެންސީއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއްވެދިނީ މި ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުގައި ކަމަށެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވައި، ފަލަަސްތީނު ރައްޔިތުންނަށްޓަކައި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރަމުންދާ ވާހަކަ، ކުރިން ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ވެސް މީޑިއާގައި ފާހަގަކުރައްވަމުންދާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

