މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސްޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމައިފިއެވެ.
ސްޕްރީމް ކޯޓުން މިއަދު ބުނީ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2025 ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހަކީ 28 ވަނަ ދުވަހެވެ.
ސްޕްރީމް ކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެ ނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

