މާލޭގެ މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ އާ މިސްކިތް އަލުން ބިނާކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކާއެވެ. އަދި ބަރުބަރީ މިސްކިތް އަލުން ބިނާކުރެވެނީ ޒަމާނީ ފެންވަރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްދެބައިމަގުގައި ހުންނަ މި މިސްކިތް އިމާރާތްކުރަނީ ކޮން ފަރާތަކުންކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި މިސްކިތަކީ 1400 މީހުންނަށް ނަމާދުކުރެވޭ ގޮތަށް 3 ބުރިއަށް ހަދާ މިސްކިތެއް ކަމަށް އެނގިފައިވެއެވެ. މި މިސްކިތް އެޅުމަށް ހިނގާ ހުރިހާ ޚަރަދެއް ކުރަން ނިންމާފައިވަނީ މި މިސްކިތް އެޅުމަށް ހަވާލުވި ފަރާތުންނެވެ.
މިނިސްޓަރު ޝަހީމް މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވަނީ ރާއްޖޭގެ 25 މިސްކިތެއް ބިނާކުރުމުގެ ފުރުސަތު މިހާރުވެސް އޮތް ކަމަށެވެ. މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މިސްކިތްތައް އަޅަމުންދާއިރު، ހިލޭ އެހީގެ ދަށުން ވެސް މާލެ ސަރަހައްދުގައި މިސްކިތް އެޅުމަށް މިހާރުވެސް ވަނީ އަމިއްލަ ބައެއް ފަރާތްތަކާއި އަދި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

