ގދ.އަތޮޅުގައި ލޯކަލް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ‘ޓޫރިސްޓު ފެސިލިޓީ އެންހޭންސްމެންޓް ޕްރޮގްރާމް 2024’ ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެއާޕޯޓު އެންޑް ޓޫރިސްޓު ޕޮލިހާއި، ގދ. އަތޮޅު ޕޮލިސް ގުޅިގެން މި މަހު 17 އިން 21 އަށް ކަމަށެވެ.
މި ޕްރޮގްރާމުގައި ގދ.އަތޮޅުގައި ޓޫރިސްޓު ޚިދުމަތްދޭ 09 ރަށަށް ޒިޔާރަތްކޮށް މައުލޫމާތުދީފައެވެ.
އެގޮތުން ޓޫރިސްޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރިނެތް ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރާނެ ގޮތުގެ އިރުޝާދުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފަތުރުވެރިންނަށް މޫދު ކުޅިވަރު ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރޭވިފައިވާ މިންވަރު ބަލައި އަދި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކައުންސިލުތަކާ ބައްދަލުކޮށް ކައުންސިލުތަކުގައި ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވެން ހުރި ކަންކަމާގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައެއެވެ.
ހަމައެއާއެކު މި ޕްރޮގްރާމުގެ ތެރެއިން ގދ.އަތޮޅު ފުލުހުންނަށް ވެސް ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތާއި، ފަތުރުވެރިންނާ މުއާމަލާތުކުރާނެ ގޮތްތަކާއި ޓޫރިސްޓު ފެސިލިޓީއެއް އިންސްޕެކްޓުކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސުވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

