ތިލަފުށީގެ ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީއިން ބުނީ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ތިލަފުށީގެ ފަޅުތެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެހެންކަމުން އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާނަމަ، މި ކުންފުނީގެ ތިލަފުށި އޮޕަރޭޝަންސް ޑިޕާޓްމަންޓާ ގުޅޭ ނަންބަރު 9398888 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރި ފަރާތުން އެ އުޅަނދެއް ނެގުމަށް އަންގާފައެވެ.
މި މުއްދަތުގެ ތެރޭގައި މި އުޅަނދުތައް ނަގާފައިނުވާނަމަ، މިއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލައި، އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން މި އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި، ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

