ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ގއ ވިލިނގިލީ ވޮލީ ބޯޅް ކުލަބު އަދި ޓޮޕް ބްރަދާސް ވާދަ ކުރި މެޗް ފަސޭހަކަމާއިއެކު ޓޮޕް ބްރަދާސްއިން ކާމިޔާބުކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗު ޓޮޕް ބްރަދާސްއިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. ސެޓްތައް ދިޔައީ 25/12، 25/13، އަދި 25/15 އިންނެވެ.
ވިލިގނލީ ވޮލީބޯޅް ކުލަބަށް މެޗުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭގެ ބަދަލުގައި ގއ ނިލަންދޫ ޓޮޕް ބްރަދާސް ފެނިގެން ދިޔައީ ތަފާތު މޮޅުކުޅުމެއް ކުޅުނުތަނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓޮޕް ބްރަދާސްގެ ޖާޒީ ނަންބަރު 12 މަރިޔަމް ޝިޒާނާއެވެ. ޝިޒާނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗެއް މިރޭ ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ މެޗުގައި ވާދަކުރަނީ ކޮނޑޭ ވޮލީ ކުލަބު އަދި ޓޮޕް ބްރަދާސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
2022 އަހަރު މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މުބާރާތަަށް ހުރިހާ ޓީމްތަކުން ފޯރިއާއިއެކު ޕްރެކްޓިސް ކުރަމުންދާއިރު، މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

