މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 1000 އަށްވުރެ ގިނަ މީހުންނަށް އެހީ ހަމަޖައްސައިދީފިއެވެ. މިގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް 1017 މީހަކަށް 9.1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް ޖުމްލަ 8000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ 2023 ވަނަ އަހަރުއެވެ. އެ އަހަރު 2379 މީހަކަށް ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޒަކާތު ފަންޑުން ކޮންމެ އަހަރަކުވެސް ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދެނީ ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. މީގެ އިތުރުން، މިއަހަރު ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމަށްޓަކައި 10 މިލިއަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 88.2 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތައްވެސް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 9.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
2019 އިން 2024 ނޮވެންބަރަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދީފައިވާ މިންވަރު
- 2019ވަނަ އަހަރު: 1289 މީހަކަށް 15.8 މިލިޔަން ރުފިޔާ
- 2020ވަނަ އަހަރު: 288 މީހަކަށް 6.2 މިލިޔަން ރުފިޔާ
- 2021ވަނަ އަހަރު: 997 މީހަކަށް 11.6 މިލިޔަން ރުފިޔާ
- 2022ވަނަ އަހަރު: 2030 މީހަކަށް 21.4 މިލިޔަން ރުފިޔާ
- 2023ވަނަ އަހަރު: 2379 މީހަކަށް 20.5 މިލިޔަން ރުފިޔާ
- 2024ވަނަ އަހަރު ނޮވެންބަރ: 1017 މީހަކަށް 9.1 މިލިޔަން ރުފިޔާ

