އިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ޝަރުތުތަކެއްގެ ދަށުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ދައުލަތުން އެ ނިންމުން ހައިިކޯޓުުގައިި އިސްތިއުނާފުކުރި މައްސަލަ، ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ލަމްހާގެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހެވެ. އެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ.
މިދިޔަ އަންގާރަ ދުވަހު، ކްރިމިނަލް ކޯޓުން ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްފައިވަނީ ޝަރުތުތަކަކާވެސް އެކުގައެވެ.
- ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުން
- ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ، އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުން
- މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިޔުން
- މައްސަލައިގައި ހެކި ބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުން
- އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ، ފުލުހުންގެ ހުއްދަ ހޯދުން
- ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުން
މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް، ދަންޖެހިގެން ޚަބަރު ހުސްވި ކަމަށްބުނެ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދުވަހެއްގައެވެ. ނަމަވެސް މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އެ މަހުގެ 27 ވަނަ ދުވަހު މާވިން ހައްޔަރުކޮށްފައިވާއިރު، ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ. މޭރީ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މޭރީގެ ފިރިމީހާ މާވިން އާއި ލަމްހާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، ދެމީހުން ލޯބީގެ ގޮތުން ގުޅިގެން، އުޅޭތީވެ، ދެމީހުން މޭރީ މަރާލީ ކަމުގެ ތުހުމަތެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން، ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލިއިރު ވެސް، އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
ލަމްހާ، ގައިދީންތަކަކަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ އެގައިދީންތައް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

