މާލެ ސިޓީ، ހ. ފެހިއާބާދު، އަލީ އަބްދުއްރަހްމާން މީހެއްގެ މޫނަށް ވެލި ޖެހި މައްސަލާގައި ކްރިމިނަލް ކޯޓުން 8000 ރުފިޔާއިން ޖޫރިމަނާކުރަން އިއްޔެ ހުކުމްކޮށްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ހެނދުނު 8 ޖަހާ ހާއިރު ހިނގި ހަމަނުޖެހުމެއްގައި ބިންމަތިން ވެލި ނެގުމަށްފަހު މީހެއްގެ މޫނުމައްޗަށް ވެލި ޖަހާފައިވާތީ އަލީ އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައި ވަނީ ގައިގާ އަތްލުމުގެ ދައުވާއެވެ. މި ދައުވާއަށް އަލީ އަބްދުއްރަހްމާން ވަނީ އިއުތިރާފުވެފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން ނަމަވެސް، އިއުތިރާފުވުމާ ގުޅިގެން އަދަބު އެއް ދަރަޖަ ދަށްވެފައިވެއެވެ. އަދި މައްސަލާގެ ބަންދުގައި ހޭދަކުރި 15 ދުވަސް އުނިކުރުމުން، އަލީ އަބްދުއްރަހްމާނަށް ލިބޭނެ އަދަބަކީ 12 ދުވަހުގެ ޖަލު އަދަބެކެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ދިން ފުރުސަތުގައި އަލީ އަބްދުއްރަހްމާން އެދިފައިވަނީ ވީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދީފިނަމަ އެ ފައިސާ ދެއްކޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، އަލީ އަބްދުއްރަހްމާނަށް މަހެއްގެ މައްޗަށް 20,000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭތީ، 12 ދުވަހުގެ ޖަލު އަދަބުގެ ޖޫރިމަނާއަކީ 8000 ރުފިޔާ ކަމަށް ކަނޑައަޅާފައިވެއެވެ.
ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއިން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ މީރާއަށް ދެއްކުމަށެވެ.

