މާލެ ސިޓީ ކައުންސިލާއި ވީރަން މޯލްޑިވްސްއާ ދެމެދު މުޖުތަމަޢުގެ ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށްގެން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މުހައިމިން ނަޞީރު އާއި ވީރަން މޯލްޑިވްސްގެ ފައުންޑަރ ޙުސައިން ޒިނާނެވެ.
މި އެމްއޯޔޫގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވީރަން އިވެންޓްތައް އިންތިޒާމުކޮށް ހިންގުމުގައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ޤާއިމުކުރެވިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ މާލޭގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމެއް ކުރިއެރުވުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، މާލެ ސިޓީ ކައުންސިލުން ވީރަން އިވެންޓްތަކުގެ ރަސްމީ ހޯސްޓް ޕާޓްނަރގެ ގޮތުގައި ޙަރަކާތްތެރިވެ، މި އިވެންޓްތައް ކާމިޔާބުކަމާއެކު ރާވައި ހިންގުމަށް މުހިންމު އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ފުރަތަމަ ހަ މަސް ދުވަހު ވީރަން އިވެންޓްތައް ބޭއްވޭނީ މަހަކު ދެ ފަހަރުއެވެ. އޭގެ ފަހުން، ކޮންމެ ހުކުރު ދުވަހަކާއި ރަސްމީ ބަންދު ދުވަސްތަކުގައި މި އިވެންޓްތައް ބޭއްވޭނެ ކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއްވިއެވެ. އިވެންޓްތަކުގެ އިންތިޒާމުތަކުގެ ޒިންމާ އުފުލާނީ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. އިވެންޓް އޮންނަ ދުވަހުގެ ފަތިހު 5:00 ން ހެދުނު 7:00 އާ ހަމައަށް މި އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ.
މި އެމްއޯޔޫގައި ސޮއިކުރުމަކީ މާލޭގައި ޞިއްޙަތު ރަނގަޅު، ހަރަކާތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެފަރާތުންވެސް ފާހަގަކުރެއެވެ. މި އެއްބާރުލުމުގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ ފައިދާތަކާމެދު ސިޓީ ކައުންސިލްގެ އިދާރާ އާއި ވީރަން މޯލްޑިވްސްއިން ވަރަށް ފޮނި އުންމީދުތަކެއް ކުރާ ކަމަށް ވެސް ދެ ފަރާތުން ހާމަކުރެއްވިއެވެ.

