އަންހެން ވިޔަފާރިވެރިންގެ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ތަޢާރަފުކުރި “ފަށާ މަދަދު” ލޯނު ސްކީމްގެ ދަށުން މިހާތަނަށް 60 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ސްކީމަކީ އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު އިފުތިތާހުކުރި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.
އެސްޑީއެފްސީން މަޢުލޫމާތު ދެއްވިގޮތުގައި، 18 ނޮވެމްބަރާ ހަމައަށް “ފަށާ މަދަދު” ލޯނު ދޫކޮށްފައިވާ 60 ފަރާތުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ 4 މީހުން ހިމެނެއެވެ. މި ލޯނު ސްކީމްގެ 25 އިންސައްތަ ހަމަޖައްސާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅުންނަށެވެ.
މުޅި ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 45 އިންސައްތަ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ހާމަކުރިއެވެ.
މި ލޯނު ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ، މިފަދަ ސްކީމްތަކާއެކު އަންހެނުންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހިފުމަށް އެދިވަޑައިގަންނަވާކަމަށެވެ.
“ފަށާ މަދަދު” ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ. އަދި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށްޓަކައި 7 އަހަރު ދުވަހަށް ބަހާލެވޭނެއެވެ.

