ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯނު، 62 ފަރާތަކަށް ދޭން ނިންމައި، މިހާތަނަށް 37 ފަރާތަކަށް ލޯނު ދޫކޮށްފިއެވެ.
ފަރުމަހުގެ މަސްވެރިކަން ތަރައްގީކުރުމަށް މަސްވެރިކަމާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހުއެވެ.
މިލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާއެވެ. ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން ރުފިޔާ ވަނީ މި ލޯނަށް އިތުރުކޮށްފައެވެ.
މިނިސްޓްރީން މިއަދު ބުނީ ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި 30 އެޕްރީލް ގައި ހަމަވިއިރު 121 ފަރާތަކުން ލޯނަށް ހުށަހެޅި ކަމަށެވެ.
މި ލޯނު ފުރުސަތުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމައި، މިއަދާ ހަމައަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވްކޮށް ފައިސާ ދޫކުރުމަށް ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

