މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލުމުގެ މަސައްކަތުގެ ދަށުން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ދަފުތަރުކޮށް، 2,000 އަށްވުރެ ގިނަ ފަޅުވެރިން ދަފުތަރުކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ގާއިމު ކުރުމެވެ.
މިފަދަ ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފެށީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިހާތަނަށް މަސްދޯނިތަކުގެ 80 އިންސައްތަ ދަފުތަރުކޮށް، 2,260 ފަޅުވެރިން ދަފުތަރުކުރެވިފައިވާ ކަމަށެވެ.
މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީ ވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ގައުމީ ދަފްތަރު 16 ފެބްރުއަރީގައި ށ. ކޮމަންޑޫގައި ވަނީ އިފުތިތާހުކޮށްފައެވެ.
މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއީ ގައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފުތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

