އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުނު ފަހުން މިހާތަނަށް އޭގައި 500 އަށްވުރެ ގިނަ ބަލި މީހުން އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބާގައި ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިދިޔަ މާޗު މަހުގައެވެ.
މި ޚިދުމަތްވެފައިވަނީ ދިވެހި ރައްޔިތުން ވަރަށް ބަލައިގަތް، ވަރަށް މުހިންމު ޚިދުމަތަކަށް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އަދި މި ޚިދުމަތް ފެށުނުތާ މާ ގިނަ ދުވަހެއްވެފައި ނުވާއިރު، އެއާ އެމްބިއުލާންސްގައި ގިނަ އަދަދެއްގެ ބަލި މީހުން އުފުލައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކުޑަ ދުވަސްކޮޅުގެތެރޭގައި 500 އެއްހައި ޕޭޝެންޓުން އެއާ ލިފްޓް ކުރެވިއްޖެ އެއާ އެމްބިއުލާންސްގެ ޒަރީއާއިން. އޭގެ މާނައަކީ ދުވާލަކަށް އެކެއް ނޫނީ ދެ ޕޭޝަންޓްސް މީގެ ޚިދުމަތް އެބަ ހޯދައޭ.
އެހެންކަމުން މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އެއާ އެމްބިއުލާންސްގައި އުފުލަންޖެހެނީ ވަރަށް ހާލުބޮޑު ބަލި މީހުން ކަމަށާއި އެގޮތުން ވީހާވެސް އަވަހަށް މައި ހޮސްޕިޓަލަކަށް ބަލިމީހާ ގެންދެވޭ ގޮތްވުމަކީ އެ އާއިލާއަކަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

