އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ އާރްބީއައި އާއި އެމްއެމްއޭއާ ދެމެދު ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ރިޒާވް ބޭންކުން ވަނީ ބުނެފައެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ފަރާތުން ގަވަރުނަރު އަޙްމަދު މުނައްވަރު އެވެ. އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.

އިންޑިއާ އާއި ރާއްޖެ އެގައުމުގައި އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގާ ސޮއިކުން/ފޮޓޯ : ރިޒާވް ބޭންކް އޮފް އިންޑިއާ
ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިޤުތިޞާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް މި ފަހުމުނާމާއިން ބާރުއަޅާ ކަމަށާއި، މި ގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. އަދި ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެއެވެ.
މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށާއި، ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިޤުތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށްވެސް ބުނެއެވެ،

