ސައިބަރ ކުށްތަކާއި، ޑިޖިޓަލް އަދޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ މަތީ ތަޢުލީމުގެ މަންހަޖުގައި ހިމެނުމަށް މަސައްކަތްކުރަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަޤުވާމީ ޔުނިވަރސިޓިތަކާއި ގުޅިގެން އެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށްވެސް މަސައްކަތް ކުރުމަށް ނިންމަވާފައިވާކަމަށެވެ.
“މިތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މިތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަޞީލަތަކަށް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި، ގާބިލު، ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭކަމަށެވެ. އެކަން ކަށަވަރު ކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިއްމުކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދާއިރާތަކަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި މިހާރުވެސް ގުރޭޑު 10 ނިންމާ ފުލުހުންގެ ހިދުމަތާއި ގުޅުމަށްފަހު މަސްޓަރސް ޑިގްރީއާއި ހަމައަށް ތަޢުލީމު ޙާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް ތިބިކަން ސީޕީވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި 297 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ލެވެލްގެ 5 ކޯހެއްގައި ދަސްވެނިވީ ދަރިވަރުންނަށްވަނީ ސެޓުފިކެޓާއި ހަނދާނީ ލިޔުން ޙަވާލުކުރައްވާފައެވެ.

