ތިބާ ލޯބިވާ ފަރާތްތަކާއި އެއްކޮށްފައިވާހައި ތަކެތި ދޫކޮށްފާދާން ޖެހޭ ދުވަހަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާ އަލިއަޅުވާލާފައިވަނީ ގިޔާމަތްވުމުގެ ބިރުވެރިކަމާއި އަދި އެދުވަހަށް ތައްޔާރުވުމުގެ މައްޗަށެވެ. އެގޮތުން އިންސާނާ މަރުވެގެން ދާން ޖެހޭނެދުވަހެއް އަންނާނެ ކަމަށާއި، ދުނިޔޭގައި ހޯދާ މުދަލަކުން ފައިދާއެއް އަދި ދުނިޔެމަތީގައި ކިތަންމެ ބައިބޮޑުވިޔަސް މަންފާކުރާނެކަމަަށެވެ. މަރަށް ފިލައިގެންދެވޭނެ އެކަކުވެސް ނުހުންނާނެ ކަމަށާއި، އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި ވާންޖެހޭނެ ކަމަށެވެ.
މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަން ޖެހިފައިވާ އެތައްބަޔަކު އެބަތިބިކަމަށާއި، މިއީ އިބްރަތަކަށް ނަގާ އެކަމުން ފިލާވަޅު ހޯދަންޖެހޭކަމެއް ކަމަށެވެ.
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެ ކަމަށާއި، ޢަމަލުތައް ވަޒަން ކުރެވޭނެ ކަމަށެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެ ކަމަށެވެ. އެ ދުވަހުން ކަނާތަށް ފަތް ލިބޭނީ ހެޔޮ ޢަމަލުކޮށް އުޅުނު މީހުންނަށް ކަމަށާއި، އަދި އުރެދުނު މީހުންނަށް ފަތް ލިބޭނީ އެމީހެއްގެ ވާތަށް ކަމަށެވެ. ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާކަމަށެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، اللهُ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާއެވެ.
މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައި ކަމަށާއި، މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ކަމަށެވެ.
ނަމާދާއި، ރޯދައާއި، އަދި ޒަކާތް ދިނުން ގިނަކުރުމަށްވެސް ޚުތުބާގައި ގޮވާލައްވާފައި ވެއެވެ. އެދުވަހު ސުވާލު ކުރެވެނެ ކަމަށާއި، އޭނާ މަޙްޝަރު ކުރެވޭއިރު އޭނާވަނީ އެވެނި މިވެނި މީހަކަށް އެއްޗެހި ކިޔާފައެވެ. އެވެނި މިވެނި މީހަކަށް ޤަޒުފު ކޮށްފައެވެ. އެވެނި މިވެނި މީހެއްގެ މުދާ ކައިފައެވެ. އެވެނި މިވެނި މީހެއްގެ ލޭ އޮހޮރުވައިފައެވެ. އެވެނި މިވެނި މީހެއްގެ ގައިގައި ޖަހައިފައެވެ. އެހިނދު އޭނާގެ ހެޔޮ ޢަމަލުތަކުން އެވެނި މިވެނި މީހަކަށް ދެވޭނެތެވެ. އަނިޔާލިބުނު މީހުންގެ ޙައްޤު އަދާވުމުގެ ކުރީން އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެ ނަމަ، އަނިޔާ ލިބުނު މީހުންގެ ފާފަތައް އަނިޔާވެރިވި މީހާއާއި ލައިޖެއްސޭނެތެވެ.
އެހެންކަމުން މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށެވެ.

