ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލެ ސިޓީގެ އިތުރުން 93 ރަށެއްގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން 14:00 އަށެވެ.
އެ ޕާޓީން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި މާލެ ސިޓީގެ އިތުރުން 93 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށްދާނީ ކޮންމެ ރަށެއްގެ ވެސް ރަށު ސްކޫލުގެ އިމާރާތުގައެވެ.
މާލޭގައިނަމަ ދަރުބާރުގޭގައެވެ. ހުޅުމާލޭގައި ރެހެންދި ސްކޫލުގައެވެ. އަދި ވިލިމާލޭގައި މުޙްޔިއްދީން ސްކޫލުގައެވެ.
މި އިންތިޚާބުގައި ދާއިރާގެ ރައީސުންނާއި، ދާއިރާގެ ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި،
ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ.

