މި މަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭގެތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އިތުރު ފަރުވާދެމުންދާ ކަމަށެވެ.
ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓުކުރާކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ މި އަހަރުގެ ނޮވެމްބަރާ ހަމައަށް މުޅި ރާއްޖެއިން 2,977 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.
އެއީ މާލެ ސަރަހައްދުން 1,506 ކޭސް އާއި، އަތޮޅުތަކުން 1,471 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ފާނަބަސަންދުއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ.
މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ.
މި ބަލީގެ އަލާމާތްތައް:
ހުންއައުން.
ވަރުދެރަވުން.
ނޭފަތުން ފެން އައުން.
ހަމުގައި ބިހިތަކެއް ނެގުން.
މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުމާއި، މި ބަލި ޖެހިފައިވާ މީހަކު އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން ބޭރުތެރެއަށް ނުނިކުތުމާއި، ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމާއި، ބަލި ފަސޭހަވަންދެން ހިފައި ގެންގުޅޭ އަންނައުނު، ތުވާލިފަދަ ތަކެތި ވަކިކުރުމާއި، ބަލީގެ ވެކްސިން ޖެހުން ހިމެނެއެވެ.

