މަސް ކަނދުފަތި ތައްޔާރުކުރުމަށް ށ.ފުނަދޫގައި ހަދާ ސެންޓަރު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި، ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭގައި އަޅާފައިވާ މަސްކަނދުފަތީގެ ނެޓްވޯރކްގައި ހުރި ކަނދުފަތިތައް ކަނޑައިގެން ދާދިއުން މަދުކުރުމާއި ޒަމާނީ އާލާތްތަކާއެކު ކަނދުފަތިތައް ގާއިމުކުރުމަށް އެފްއޭއޯގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ އެހީ ހޯދުމަށް ފިޝަރީޒް މިނިސްޓްރީއާއި އެފްއޭއޯއާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ.
މިނިސްޓްރީން ބުނީ ކަނދުފަތިތައް ހެދުމަށް ބޭނުންކުރާ އެންމެހައި ތަކެތި ތައްޔާރުކޮށް މިހާރު ބޭނުން ކުރަނީ ހުޅުމާލޭގައި ހުރި ފެޑް ސެންޓަރު ކަމަށެވެ. އަދި އަލަށް އަޅާ މަސްކަނދުފަތިތަކާއި ކަނޑައިގެން ދާ ކަނދުފަތިތަކުގެ ބަދަލުގައި އަޅަންޖެހޭ ކަނދުފަތިތަކާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަޅަން ޖެހޭ ކަނދުފަތިތައް ގިނަވުމުގެ ސަބަބުން މިހާރު ހުރި ސެންޓަރުން އެ ޑިމާންޑާއި އެއްވަރަށް ކަނދުފަތިތައް ތައްޔާރު ކުރުމަކީ ދަތިކަމެއް ކަމަށެވެ.
މާލެއިން ކަނދުފަތިތައް ދޯނިތަކަށް ބަރުކޮށްގެން ރާއްޖޭގެ ދެކޮޅަށް ގެންދިއުމަކީ ވެސް ޚަރަދު ބޮޑު މަސައްކަތެއް ކަމަށާއި، މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ދެ ސަރަހައްދެއްގައި ފެޑް ސެންޓަރު އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފެޑް ސެންޓަރު އެޅުމަށް ނިންމާފައިވަނީ ށ. ފޮނަދޫއާއި ގދ. ވާދޫގައެވެ.
މީގެތެރެއިން ފުނަދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ސެންޓަރު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި، ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

