2025 ވަނަ އަހަރު އިސްލާމީ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ފުވައްމަލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭންނެވެ. ޝަހީމް ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން އިސްލާމީ ވުޒާރާއާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމުގައި ކުރިއަށް ގެންދާ ނަމާދު ޕްރޮގްރާމުންވެސް އެގެނީ އިސްލާމީ ކަންތައްތަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަންދޭ މިންވަރު ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅު ކާމިޔާބު ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިސްލާމީ ވުޒާރާއާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމުގައި ކުރިއަށް ގެންދާ ނަމާދު ޕްރޮގްރާމްގެ ތެރެއިން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު މިހެން ވިދާލުވެފައިވާއިރު ފާއިތުވި އަހަރުވަނީ އިސްލާމީ ކަންތައްތައް ހަރުދާނާކުރުމުގެ ތެރެއިން ގިނަ ކަންތައްތައް ކުރައްވާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުނު އިރު، އެއް އަހަރުގެ ތެރޭގައި އިސްލާމީ ހިދާޔަތާއި ދީނީ އަޤީދާގެ ދާއިރާއިން ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައެވެ.
އެގޮތުން ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭ ގޮތަށް ހަރުދަނާކޮށް، އިސްލާމީ ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުދީފައި ވެއެވެ.
އަދި މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެ ކަމަށް ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނައަށް އިތުރުކުރުމާއި، ކީރިތި ޤުރުއާން ކިޔަވާން ދަސްކޮށްދޭ ހިލޭ ކްލާސްތައް ވަރަށް ބޮޑަށް އިތުރުކޮށް، ފުޅާކުރުމާއި. ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެ ފައިސާއިން ހޭދަކުރުމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުމާއި، "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ވަނީ ހެދިފައެެވެ
މީގެ އިތުރން ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުމުގެ އިތުރުން އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުން އިތުރު ކުރުމާއި، މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުން ވެސް ހިމެނެއެވެ.

