އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ސިޓީގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކު ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޢިލްމުވެރިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އައްސަވާ، ޢިލްމުވެރިންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޢިލްމުވެރިންވަނީ އެ ބޭފުޅުންނަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތުވެސް ވަޒީރާއި ޙިއްސާ ކުރައްވާފައެވެ.
ވަޒީރު ފުވައްމުލަކު ސިޓީީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދައުވަތަކަށް އެ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމާއި، ޙިފްޡު ކޮމިޓީ އަދި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި، ޙާފިޡުންނާއި ބައްދަލުކުރެއްވުމާއި އެ ސިޓީގެ އިމާމުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު އެނބުރި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.

