އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި އަޑުއެހުމަކަށް ހާޒިރުނުވުމުގެ ސަބަބުން އެ މިނިސްޓްރީ ޖޫރިމަނާކުރި ކުރުމަކީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ބުނެފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަކަށް ހާޒިރުވެފައިނުވާތީ، ހައުސިންގ މިނިސްޓްރީ ޖޫރިމަނާކުރި 350 ރުފިޔާއިންނެވެ.
އައިކޮމްއިން އިއްޔެ ބުނެފައިވަނީ، މައުލޫމާތު ހޯދުމަށް އެދި ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓްރީއިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ބުނެ އައިކޮމްއަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާއެކު މި މަހުގެ ހަތްވަނަ ދުވަހަށް ބައްދަލުވުމެއް ތާވަލުކުރެވުނު ކަމަށެވެ. އަދި އެ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތްނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއްގަޑިއިރުގެ ކުރިން އެކަން އަންގަންވާނެކަމަށް މަހޯލި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، ހައުސިންގ މިނިސްޓްރީ ޖޫރިމަނާކުރީ އެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ މިނިސްޓްރީގައިވާ މައުލޫމާތުތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޯރުކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އެ މިނިސްޓްރީ ޖޫރިމަނާ ކުރި ކުރުމަކީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށާއި، އެހެންކަމުން އެ މުވައްޒަފާ ދޭތެރޭ ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން ހައުސިންގ މިނިސްޓްރީން ބުނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

