ހުޅުމާލޭގައި އާންމުންގެ މީހަކާއި، ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ މިއަދު 18:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

