ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. އެ ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިންމުކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބަރ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މި ތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އެކި ދާއިރާތަކުން ތަމްރީނު އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާކަމަށެވެ. އަދި ގްރޭޑު 10 ނިންމައި ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރުވެސް ފުލުހުންގެ ޚިދުމަތުގައި ތިބިކަން ފާހަގަކުރެއްވިއެވެ.
“ދިވެހި ޒުވާނުންނަށް ދަންނަވާލަންއޮތީ، ކޮލެޖް އޮފް ޕޮލިސިންގެ ކުރިއަށް އޮތް އިންޓޭކަށް ހުޅުވާލުމުން އެފުރުސަތުގެ ބޭނުން ހިފާށޭ. ފުލުހުންގެ ޚިދުމަތުގެ ތެރެއިން ތިޔަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯދާށޭ. ފޮރެންސިކް އެކްސްޕާޓަކަށް ނުވަތަ ކުޅަދާނަ އިންވެސްޓިގޭޝަން އޮފިސަރަކަށްވާން ބޭނުންވާ ކުދިންނަށް އެފުރުސަތު ލިބިގެންދާނެ” ކޮމިޝަނަރ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައި ވެއެވެ. އެއީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި، މާސްޓާސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގ އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.

