ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ ތިންވަނަ މެޗުގައި ގއ ކަނޑުހުޅުދޫ ވޮލީ ބޯޅް ޓީމް އަދި ގއ ދާންދޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ގއ ދާންދޫ ސްޕޯޓްސް ކުލަބްއިން ކާމިޔާބުކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗުގައި ދާންދޫ ސްޕޯޓްސް ކުލަބްއިން ކާމިޔާބު ކުރީ 3/1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ސެޓު ދާންދޫ ސްޕޯޓްސް ކްލަބްއިން ކާމިޔާބު ކުރީ 25/21 އިންނެވެ. ދެވަނަ ސެޓުގައި ދާންދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މިސެޓު އެޓީމުން ކާމިޔާބު ކުރީ 25/19 އިންނެވެ. މެޗުގެ 3 ވަނަ ސެޓުން ކަނޑުހުޅުދޫއިން ތަފާތު މޮޅުކޮށްކުޅެ ބާރު ހަމަލާތަކާއި އެކު 25/17 އިން ސެޓު ކާމިޔާބު ކުރިއެވެ. މެޗުގެ 4 ވަނަ ސެޓުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމްގެ ފަރާތުންވެސް ބާރު ޝޮޓުތަކެއް ފެނިގެން ދިޔަ މި ސެޓު 26/24 އިން ކާމިޔާބު ކޮށް 3/1 މެޗު ކާމިޔާބު ކުރީ ދާންދޫ ސްޕޯޓްސް ކުލަބެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދާންދޫ ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 9 ޝާމިލް މުހައްމަދެވެ. މި މެޗުގައި ޝާމިލްގެ ބާރު ޝޮޓުތަކެއް ފެނިގެން ގޮސްފައިވެއެވެ.
މުބާރާތުގައި މާދަމާވެސް 2 މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. އެގޮތުން އަންހެން ޑިވިޝަންގެ ގްރޫޕް ބީ ގެ މާމެންދޫ އަންހެން ވޮލީ ޓީމާއި ގއ ކޮނޑޭ ވޮލީ ކުލަބު ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. މާދަމާ ރޭ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީ ގެ ގެމަނަފުށި ވޮލީބޯލް ކުލަބާއި، ގއ ނިލަންދޫ ބޮން ބޮން ސްޕޯޓްސް ކުލަބު ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ. މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

